Back

ފަހު ދުވަސް

2021-03-18 . Written by abdulla nasheed

ތިބާގެ އަޖަލު ހަމަވާނެ ވަގުތެއް ތިބާއަކަށް ނޭނގޭނެއެވެ. އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ތިބާ ހެއްދެވި ފަރާތެވެ. ތިބާގެ ފަހު ދުވަހަކީ މިއަދު ނޫނީ މާދަމާއަށްވެސް ވެދާނެއެވެ. ވިސްނާ ފިކުރުކޮށްލާށެވެ. ކުށެއް ކުރެވިފާވާނަމަ އަވަހަށް ތައުބާވާށެވެ. އެންމެންނަށް ހިތް ހަލާލް ކުރާށެވެ. ހެޔޮ މަރެއް ލިބޭތޯ ގަދައަޅާ މަސައްކަތްކުރާށެވެ.

މަދީންއަކީ ޒުވާން އުމުރު އިސްރާފްކުރަމުން އަންނަ މީހެކެވެ. މަޖަލާ ކުޅިވަރަކީ އޭނާގެ މުޅި ދުވަހުގާ ކުރާ ކަންތައްތަކެވެ. ދަންވަންދެން ހޭލާ އުޅޭނެއެވެ. ތެދުވާނީވެސް މެންދުރުފަހުއެވެ. އެ ތެދުވާގޮތައް ދެންދާނީ ކޮންމެވެސް މީހަކަށް އާދޭސްކޮށްގެން ކޮފީއެއް ހޯދާށެވެ. އެއަށްފަހު ރަހްމަތްތެރިންނާއެކު ބުރުތަޅަންދިޔުމެވެ. ބަންގީގެ އަޑާ ނަމާދު ވަގުތުތަކަކީ އޭނާއާ މުހިންމު އެއްޗެއްނޫނެވެ. ކީރިތި ގުރުއާން އޮންނަނީ ކޮޓަރީގާ އޮންނަ ކަބަޑުގާ ރީއްޗަކަށް ބާއްވާލާފައެވެ. އެވެސް ފެންނާނީ ރޯދަމަހު އެކަންޏެވެ. އެވެސް ފުރުތަމަ ދިހަ ދުވަހުއެވެ. އެއަށްފަހު އެޔާ މަޑުމަޑުން ދުރަށްދާންފަށައެވެ. މިއީ އޭނާގެ ދިރިއުޅުން ހުންނަގޮތެވެ.

އެހެން ދުވަސްތަކެކޭވެސް އެއްގޮތައް މިއަދުވެސް މަދީން ދުނިޔެއަށް ލޯހުޅުވާލިޔެވެ. ތެދުވިގޮތައް ސިނގިރޭޓެއް ރޯކޮށްލުމަށްފަހު އެނދުމަތީގާ އޮތް ކޮމްޕިޔުޓަރުގެ ވަޔަލެސް ކީބޯޑް އަދި މައުސް ބޭނުންކޮށްގެން ރަނގަޅު ލަވަތައް ހޯދާލާ ކޮޓަރީގެ ހަތަރުފާރުގެ މަތީ ކަނުތަކުގާހުރި ސްޕީކަރުތަކުން ލަވަ ޖަހަންފެށިޔެވެ. އެއަށްފަހު ފޯނު ހާޥާލަންއިނދެ ސިނގުރެޓް ނިންމާލާން ގޮސް ފާހާނާއަށްވަދެ ފެންވާރާލާން ނުކުމެ ރީތިވެލާ ސެންޓް ތަޅާލާން ގެއިން ނުކުމެ ސައިކަލްއަށް އެރިގޮތައް ދުއްވާލަންދިޔައެވެ. ގޮސް ކޮންމެވެސް މީހަކަށް އުނދަގޫކޮށްގެން ކޮފީއެއް އަތުލިޔެވެ. އެއަށްފަހު ރައްޓެހިން ކައިރިޔަށްގޮސް ސަކަރާތްޖަހާ މަޖާކުރަމުންދިޔައެވެ. މިހެން މަޖާ ކުރުމުގެތެރޭގާ މަދީންގެ މެޔަށް ތަދެއް އެރިޔެވެ. ނަމަވެސް އިރުކޮޅަކުން އެތަދު ފިލިޔެވެ. އާދައިގެ ކަމެއް ކަމަށް ބަލާ އޭނާގެ ކަންތަކާން ކުރިޔަށްދިޔައެވެ. ވަރަށްވެސް ގަދަޔަށް މަޖާ ކުރުމުގައެވެ. މެންދުރާ އަސުރު ފާއިތުވެ މައްރިބް ނަމާދަށް ގޮވާފިޔެވެ. މަދީން ދެން ދިޔައީ ގެޔަށްށެވެ. ގެޔަށް ވަތްތަނުން އަނެއްކާވެސް މެޔަށް ތަދުވެލާފަ ގޮސްފިޔެވެ. ނަމަވެސް އެކަމާ އޭނާ އަޅާނުލާ ގޮސް އޭނާގެ ކަންތައްތަކާގެން ކޮޓަރީގާ އުޅުނެވެ. މައްރިބް ފާއިތުވެ އިޝާއަށް ގޮވާފިޔެވެ. މަދީން ހަމަ އެ ގޮވާލާ ކާމިޔާބީގެ ގޮވާލުމަށް ކުޑަވެސް ސަމާލުކަމެއްނުދީ އޭނާގެ ކަންތައްތަކާގެން ކުރިޔަދިޔައެވެ.

ދަންވަރު ދޭއް ޖެހުމުން މަދީން ނިދަން އޮށޯތެވެ. މިފަހަރު މިޔަށް އެރީ ވަރުގަދަ ތަދެކެވެ. ފަސް މިނެޓްވަންދެން އެ ތަދު ހުރުމަށްފަހު ފިލާދިޔައެވެ. މަދީން އެކަމާ ކުޑަކޮށް ފިކުރުކޮށްލިޔެވެ. އަދި ޖެހިގެން އައި ދުވަހު ޑޮކްޓަރަށް ދައްކަން ނިންމާ ނިދޭތޯބެލިޔެވެ. ނަމަވެސް މީހާ ދާހިއްލާ ފޯވަނީޔެވެ. ހަމަ އެއްގޮތަކަށްވެސް ލޮލަކަށް ނިންޖެއްނައެވެ. މިހެން އޮށްވާ މަދީންގެ ލޯ މެރިއްޖެއެވެ. ކުއްލިޔަކަށް ހޭލެވުނީ ނޭވާ ނުލެވޭތީއެވެ. ނޭވާހޮޅިޔަށް ނޭވާހުރީ އަޅާފައެވެ. އެނދުން ފުންމާން ތެދުވެ ދެކޮޅަށް ތެޅެންފެށިޔެވެ. އިރުކޮޅަކުން ނޭވާ ލެވެންފެށިޔެވެ. ކުޑަކޮށް ހަމަޖެހުމާއެކު ޑޮކްޓަރަށްގޮސް ދެއްކުމުން އެއްވެސް ކަހަލަ މައްސަލައެއް ނެތްކަމަށް ބުންޏެވެ. މަދީން ގެޔަށް އާދެވުނުއިރު ހެނދުނު ހައެއް ޖަހާފިޔެވެ. ފަތިސްނަމާދު އޭނާހުރީ ނުކޮށްށެވެ. ނިދަން މަސައްކަތްކޮށްކޮށް ނުނިދުނެވެ. މީހާ ވަރުބަލިވަނީޔެވެ. ދާހިއްލަނީޔެވެ. އެނދުގާ ދެކޮޅަށް ތެޅިފޮޅެނީޔެވެ. އެންމެ ފަހަށް ބަނޑުހާވާންފެށިޔެވެ. ތަންތަން ހާވާގެން ފައިސާ ހޯދާގެން ސައިބޯންދިޔައެވެ. އަދި އެޔަށްފަހު ރަހްމަތްތެރިންނާ ބައްދަލްކުރުމުން އެމީހުންނަށްވެސް މަދީންގެ މޫނަށް ބަލާފާ މަދީން ބަލިކަން ފާހަގަކުރިޔެވެ. ކޮންމެވެސް ވަރަކަށް ސަކަރާތްޖަހާލުމަށްފަހު މަދީން ގެޔަށްދާން ހިނގާގަތްތަނުން އަނެއްކާވެސް މެޔަށް ތަދުއެރިޔެވެ. އެޔާއެކު ބިންމައްޗަށް މަދީން ވެއްޓުނެވެ. މަދީންގެ ރަހްމަތްތެރިން އައިސް އޭނާ ނަގާގަނެގެން ހޮސްޕިޓަލްއަށް ގެންދިޔައެވެ. މާނޭވާލާހާލު އެނދުމަތިކޮށްފާވާ މަދީންއަށް މިއީ އޭނާގެ ފަހުވަގުތުކޮޅުކަން އޭނާއަށް އެނގެންފެށިޔެވެ. ހިތައް ބޮޑު ބިރުވެރިކަން ވަދެއްޖެއެވެ. ތަދަކަށްފަހު ތަދެއް ފުލުފުލުން މޭމައްޗަށް އަރަމުންދިޔައެވެ. އެއިރުގާ މެންދުރުނަމާދު ބަންގިގޮވާއަޑު ރީއްޗަށް މަދީންގެ ކަންފަތައް އިވެމުންދިޔައެވެ. ލޮލުން ކަރުނަ ފައިބަންފަށާފިޔެވެ. އުޅެވުނު ގޮތާމެދު ހިތާމަކުރަން ފަށާފިޔެވެ. ދުލުން ޝަހާދަތްކިޔަން މަސައްކަތްފެށިޔެވެ. ނަމަވެސް އެ ލުއި ކަލިމަކޮޅު ކިޔާލަން އެ ދޫ ހަމަ ހިލާވެސް ގުޑާނުލިޔެވެ. އޭގެ ބަދަލްގާ އޭނާއަށް ކިޔެމުންދިޔައީ އޭނާ ޖަހާ އުޅުން ލަވަތަކުގެ ތަންކޮޅުތަކެވެ. މިހާލުގާ އޭނާ އޮށްވާ މަލަކަލް މައުތު އޭނާގެ ފުރާނާ ހިއްޕަވާފިޔެވެ.

- ނިމުނީ -

ލޮބުވެތި އަޙުންނާ އުހްތުންނޭވެ. އެންމެ ދުރުގާވެސް އެންމެ ގާތުގާވެސްވަނީ މަރެވެ. ހެޔޮ އަމަލް ގިނަކުރާށެވެ. ކިތަންމެ ބުރަކޮށް އުޅުނަސް ނަމާދު ނާޅާށެވެ. ކީރިތި ގުރުއާން ކޮންމެ ދުވަހަކުވެސް ކުޅަދާނަވީ މިންވަރަކަށް ކިޔަވާށެވެ. މިޔުޒިކާ ދުރަށް ދެވޭތޯ ބަލާށެވެ. އަދި ފާހިޝް އަމަލްތަކާ ދުރުވާން ގަދައަޅާ މަސައްކަތްކުރާށެވެ. އަބަދުވެސް ﷲ އަށް ހެޔޮމަރެއް ދެއްވާތޯ ދުއާކުރާށެވެ. ތިބާޔަށްވެސް އަދި އަހަރެންނަށްވެސް ހެޔޮމަރެއް ދެއްވާށެވެ.