Back

މުލްކް ސޫރަތް ކިޔަވާށެވެ

2021-03-21 . Written by abdulla nasheed

ތިބާ މަރުވުމުން ތިބާއަށް ގިޔާމަތް ފެށުނީއެވެ. ތިބާ ކަށްވަޅަށް ގެންގޮސް ލެވޭހިނދު އެހީވާނެ އެކަކުވެސް ނުހުންނާނެއެވެ. ދުނިޔޭގަ އުޅުންއިރު ކޮށްފާވާ ހެޔޮ އަމަލް ފިޔަވާ އިތުރު އެއްޗެއް ތިބާއަކަށް ނުގެންދެވޭނެއެވެ.

ޔޫނުސްއަކީ ހީވާގި ޒުވާނެކެވެ. ބުރަ މަސައްކަތުން މަދު އަހަރުކޮޅެއްތެރޭ މުއްސަންޖަކަށްވި ޔޫނުސް އަތުގާ އެންމެ ފަހުގެ ހުރިހާ މުދަލެއްވެސްހުރެއެވެ. މުއްސަނދިކަން ލިބުމުން ޔޫނުސްގެ ހިތްވެސްވަނީ ހަރުވެފައެވެ. ޝައިތާނާވަނީ އޭނާގެ މައްޗަށް ބާރުވެރިވެފައެވެ. ހިތަށް އެރިއްޔާ ނަމާދުވެސްކޮށްފާ ގުރުއާންވެސް ކިޔަވާލައެވެ ނަމަވެސް ސަލާންޖަހާ މީހެއް ފެނުމުން ވަގުތުން އެމީހާއަށް ފުރަގަސްދެއެވެ. އެހީއަކަށް އެދި މީހަކު ގުޅާލިނަމަ އަތްމަތި ދަތިވާހަކަ ބުނެއެވެ. އަދި ރުޅި އައިސްފިނަމަ އެމީހަކާ ދިމާލަށް ހަޅޭއްވެސްލަވައެވެ. ޔޫނުސްގެ ދިރިއުޅުމަށް ދުވަހަކުވެސް ބަދަލެއް ނާންނާނެކަމަށް ހިތާ އޭނާ ހުންނަނީ ވަރަށްވެސް ފޮނިވެފައެވެ. ނަމަވެސް މިދުނިޔޭގެ އުފަލަކީ ވަގުތީ އުފަލެއްކަން އޭނާއަށް އެނގޭދުވަސް އޮތީ ވަރަށްވެސް ގާތުގައެވެ.

އެއްދުވަހަކު ވަރަށް ބުރަކޮށް އުޅެފާ ޔޫނުސް ގެޔަށް އައިސް ނިދަން އޮށޯތެވެ. ނަމަވެސް އިރު އިރުކޮޅާ ފޯނުކޯލް އަންނަވަރުން ފޯނުވެސް ނިއްވާލުމަށްފަހު ނިދަން އެރިޔެވެ. އިސާހިތަކު އޭނާއަށް ނިދުނެވެ. ނިދުމުގެ ތެރޭގާ އޭނާއަށް ހުވަފެނެއް ފެނިގެންދިޔައެވެ. އެ ހުވަފެނުގާ ފެންނަނީ އޭނާ މަރުވެގެން އުޅޭތަނެވެ. މީހުން އައިސް އޭނާގެ މޫނު ބަލާތަނެވެ. ކޮންމެ މީހެއްގެ މޫނުގާވެސްވަނީ ހިތާމައެވެ. ކުއްލިއަކަށް ޔޫނުސްއަށް ހޭލެވުނެވެ. އަދި އެއީ އެހެން ހަމަ ފެނިލި ހުވަފެނެއްކަމަށް ހީކޮށް ނިދާލިޔެވެ.

ޖެހިގެން އައި ދުވަހުވެސް ޔޫނުސް ހަމަ ނިދަން އޮށޯތުމާއެކު ހުވަފެނެއްފެނުނެވެ. މިފަހަރު ތަފާތެވެ. ބިންމަތީގާ އިށީންދެގެން އިން ޔޫނުސް ދިޔައީ ކޮންމެވެސް ކަމަކާ ބިރުން ފަހަތަށް ޖެހެމުންނެވެ. ޔޫނުސް ކުރިމަތިން މީހަކު ރޮމުން ގޮވައެވެ. " سورة الملك ކިޔަވާ سورة الملك ކިޔަވާ ކަލޭ ސަލާމަތް ބޭނުންނަމަ سورة الملك ކިޔަވާ " އެއިރުގާ ޔޫނުސްގެ ގަޔަށް ދިޔައީ ބޮޑު ބިޔަ ހިޔަންޏެއްވެސް އެޅެމުންނެވެ. ކުއްލިޔަކަށް ޔޫނުސް ހަޅޭއްލަވަމުން ތެދުވިއެވެ. ޖެހި ޖެހިގެން ދެރޭ މި ފެނުނު ހުވަފެނަކީ ވަރަށްވެސް ވަރުގަދަ އިންޒާރެއްކަން އޭނާއަށް އެނގިއްޖެއެވެ.

ފަތިސްވުމުން ނަމާދަށްގޮސް ނިންމާލުމަށްފަހު އިމާމްމީހާއާ ބައްދަލްކޮށް އެވާހަކަ ކިޔާދިނެވެ. އެއާއެކު އިމާމް އެ ހުވަފެން އެއީ ވަރަށްވެސް ބޮޑު އިންޒާރެއްކަމަށް ބުނެއެވެ. އަދި ސުވާލްކުރަންފެށިއެވެ.

އިމާމް : ޔޫނުސް ގަވައިދުން ނަމާދުކުރަންތަ؟

ޔޫނުސް : ނޫން

އިމާމް : ގުރުއާން ކިޔަވަންތަ؟

ޔޫނުސް : ބައެއް ފަހަރު

އިމާމް : ސަދަގާތްދެންތަ؟

ޔޫނުސް : ބައެއްފަހަރު

އިމާމް : ޔޫނުސް.... ދުނިޔެއަކީ ވަގުތީ ތަނެއް. ޔޫނުސްގެ ހުރިހާ މުދަލެއް ޔޫނުސްއަކަށް ނުގެންދެވޭނެ މަރުވުމުން ހުރިހާ އެއްޗެއް ބަހައްޓާފަ ދާންޖެހޭނީ. ގެންދެވޭނީ ހެޔޮ އަމަލްތައް އެކަނި. ޔޫނުސްގެ ހުވަފެނުގާ ފުރުތަމަ ތިޔަފެނުނީ މަރުވެގެން އުޅޭތަން. މާނައަކީ އެންމެ ގާތުގާވެސް އެންމެ ދުރުގާވެސްވަނީ މަރެވެ. ދެވަނަ ހުވަފެނުގާ ތިޔަ ފެނުނުމީހާ سورة الملك ކިޔަވާށޭ އެގޮވީ ޔޫނުސްގެ ނަސީބު މިއަދު ރަނގަޅުކަމުން. އެއީވެސް ޔޫނުސްއަށް އައި އިންޒާރެއް. ކަށްވަޅުގެ އަޒާބަކީ ލިބޭނެ އެއްޗެއް. ނަމަވެސް އޭގެންވެސް ރައްކާތެރިވެވޭނެ ގޮތް އެބޮތް އެހެންވެ سورة الملك ކިޔަވަންވެސް މުހިންމީ. ކޮންމެ ދުވަހަކު سورة الملك ކިޔަވާފި މީހަކަށް ކަށްވަޅުގެ އަޒާބުން ރައްކާތެރިކަން ދެއްވާނެ. އެހެންވީމާ ޔޫނުސް ކުރަންވީ ކަމަކީ އަވަހަށް ފުރިހަމަ ތައުބާއަކުން ތައުބާވޭ. އެއަށްފަހު ކޮންމެ ދުވަހަކު ގުރުއާން ކިޔަވާފަ ނިންމާލަމުން سورة الملك ކިޔަވާ.

ޔޫނުސް : (ރޮމުން) ޝުކުރިއްޔާ

އިމާމްއާ ބައްދަލްކޮށް ނިންމުމަށްފަހު ޔޫނުސް ދިޔަގޮތަށް އެންމެ ފުރުތަމަވެސް އޭނާގެ މުދަލުން ބޭނުން ޖެހިފާވާ މީހުންނަށް އެހީވާންފެށިއެވެ. ސަދަގާތް ގިނަކޮށް ނަމާދަށް ފަރުވާ ބެހެއްޓިއެވެ. ނަމާދުކޮށް ނިންމާލުމަށްފަހު ގުރުއާން ކިޔަވައެވެ. سورة الملك ކިޔެވުމަށް ކޮންމެ ދުވަހަކުވެސް ހާއްސަކަން ބަހައްޓައެވެ. " އެންމެ ދުރުގާވެސް އަދި އެންމެ ގާތުގާވެސްވަނީ މަރެވެ. " މިއީ އޭނާގެ ހިތުގާ އަބަދުވެސް ހަރުލާފާވާ އަގުހުރި ބަސްކޮޅެކެވެ.

- ނިމުނީ -