Back

ފަޅުރަށް

2021-03-20 . Written by abdulla nasheed

ރޫހާނީ ކަންކަމަކީ ހިނގާ ކަންކަމެވެ. މިކަންކަން ހިނގަނީވެސް އިންސާނާގެ ހުންނަ ފަރުވާކުޑަކަމުންނެވެ. މިފަދަ ކަންކަން ހޯދުމުގެ ނިޔަތުގާވެސް ބައެއް މީހުން ކުރާ މޮޔަ ކަންތަކުން އުމުރަށްވެސް ބައެއްފަހަރު މިކަމުން ސަލާމަތްނުވެ އުޅެންޖެހެއެވެ.

ހުސޭނުއަކީ ނިކަމެތި އާއިލާއަކަށް ލިބިފާވާ ތިންވަނަ ކުއްޖާއެވެ. އޭނާގެ ބޮޑަށް ފިރިހެނަކާ އަންހެނަކު ހުރެއެވެ. އެއީ ރޫމާއާ ބަދީއުއެވެ. ދުވަސްވަރަކީ ރާއްޖޭގެ ތަދު ދުވަސްވަރުކަމުން ކާންބޯން ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ ރުއްރުކުން ކާއްޓާ ސާމާނު އަޅާ ކައިހަދާންނެވެ. ހުސޭނުއާ އޭނާގެ ބޭބެވެސް ކުރާ މަސައްކަތަކީ މިއީއެވެ. އިރު އެރުމާއެކު ކައިރީ އޮންނަ ފަޅުރަށަށް ކާށިހޮވަން ދެބެއިންދެއެވެ. އެއީ ނަމާން ރަށެއް ކަމަށްވެސް މީހުން ބުނެއުޅެއެވެ. އެއްފައި ފަލަ އަންހެނަކު ފެންނަ ކަމަށް މީހުން ބުނަމުންދެއެވެ. އަދި އެ ފެންނަ ދިމާލަށް ނިދިޔުމަށް ރަށަށް ދާ ކޮންމެ މީހަކަށްވެސް ނަސޭހަތްތެރިވެއެވެ. ނަމަވެސް ހުސޭނުއާ ބަދީއުއަށް މިކަން ވީ މަޖާ ކަމަކަށްށެވެ. ގެއަށް މިއަދު ގެންނަން ޖެހެނީ ދަރާ ކާއްޓާކަމުން ބޮއްކުރާގާ ޖާގަ ހަދާގެން ދެބެއިން ފަޅުރަށަށް ދިޔައެވެ. ފުރޯތައް ކޮނޑަށް ލައިގެން ރަށަށް އެރިގޮތައް ރަށުގެ އެންމެ އެތެރެޔަށް ދިޔައީ ތުނބުން ފުމެމުން ލަވަކިޔަމުންނެވެ. ބޭނުންވާ ދިމާލަށް ދެވުމުން ހުސޭނު ފެށީ ކާށި ހޮވާށެވެ. ބަދީއު ފެށީ ދަރުކޮށާށެވެ. ދަރުކޮށަމުން ދިޔަ ބަދީއު ވަރުބަލިވެގެން ކައިރީ ހުރި ކުޑަ ރުކެއްގާ ފުރޯ ހަރުކޮށްލުމަށް ފުރޮއިން ޖަހާލިޔެވެ. އެވަގުތު ހަމަ ދެތިން ރުކާ ދުރުން ބާރަކަށް ރުކެއްގާ މީހަކު ޖަހާލިއަޑު އިވިގެންދިޔައެވެ. ބަދީއު ދެވަނަ ފަހަރަށް ރުކުގާ ކޮށާފަ އޮތް ދަރުބުރިޔަކުން ޖަހާލިޔެވެ. ހަމަ އެޔާއެކު ހަމަ ކުރިން އިވުނު ހިސާމުން މީހަކު ބާރަށް ރުކެއްގާ ޖަހާލިއަޑު އުވިގެންދިޔައެވެ.

ބަދީއު : (ކާށި ހޮވަން އޮތް ހުސޭނަށް ބަލާލާފަ) ކޮއްކޯ. މިއަދު މިހުރީ ކަންތަކާ ޖެހިފާ

ހުސޭނު : ކިހިނެއްވީ ބޭބޭ؟

ބަދީއު : (ދަރުބުރިން ރުކުގާ ޖަހާލާފަ) ދެން އަޑު އަހާ

ހުސޭނު : (ރުކުގާ އަނބުރާ ޖަހާ އަޑު އިވުމުން) ބޭބެ ގިނައިން ޖަހާފަ ބަހައްޓާ

ބަދީއު : އާނ މިފަހަރު ބެރު ތަޅާލާވަރު ކޮށްލާނަން

ހުސޭނު : (ޖިންނިއަށް މަލާމާތްކުރަމުން) އާދޭ ދެން ނަޝާލަން

އެތައް އިރަކު ދެބެއިން މި ސަކަރާތް ޖެހުމަށްފަހު ކޮށި ދަރާ ކާށި ހިފާގެން ބޮއްކުރަޔަށް އެރިޔެވެ. އެއިރުގާ އިރުއޮއްސި އަނދިރިވެއްޖެއެވެ. ދިޔަަވަރުވެސް ކޮންމެވެސް ވަރަކަށް ހިއްކެވެ. ބަދީއު އަރާ ބޮއްކުރާ ކަނބަމުންދިޔައެވެ. ހުސޭނު އިނީ ކުރީގާ އުޑާ ދިމާލަށް ބަލަހައްޓާންނެވެ. މިހެން އިންދާ ކުއްލިޔަކަށް ފަޅުރަށް ކައިރީން މަތިން އެމީހުންނާ ދިމާލަށް ރީތި އަލި ނޫކުލައެއްގާއިން އަލިގުޅައެއް އަންނަތަން ފެނުނެވެ. ހުސޭނު އޭނާގެ ބޭބެޔަށް އަލިގުޅައެއް ފަހަތުން އަންނަ ކަމަށް ބުނުމާއެކު ބަދީއު ފަހަތް އެނބުރި ބަލާލިޔެވެ. ނަމަވެސް އަލިގުޅައެއް ފެންނާކަށް ނެތެވެ. ބަދީއު އެނބުރި ހުސޭނުއާ ދިމާލަށް މޫނުހަދާލިޔެވެ. ނަމަވެސް ހުސޭނުއަށް އަލިގުޅަ ފެންނަމުންދިޔަކަމަށް ބުންޏެވެ. ރަށަށް ލެފުމާއެކު ބައްޕަ ކައިރީ އެއްވެސް ވާހަކައެއް ނުދެއްކުމަށް ބަދީއު އޭނާގެ ކޮއްކޮ ހުސޭނުއަށް ނަސޭހަތްތެރިވިޔެވެ. އެޔަށްފަހު ގެނޭ ސާމާނު ހިފާގެން ގެޔަށް ދެބެންދިޔައެވެ.

ޖެހިގެން އައި ހަފްތާގަވެސް ދެބެން އެއްކަލަ ފަޅުރަށަށްދިޔައެވެ. މެންދުރު ފަހުން ދިޔަ ދެބެން އެމީހުންގެ މަސައްކަތް ފެށުމަށް ކާށި ހޮވަން ހިނގަމުންދިޔައެވެ. މިހެން ދަނިކޮށް ހުސޭނުއަށް ފެހި ވިނަގަނޑެއްގެ މެދުގާ ހުރި ދިގު ރުކެއް ފެނިގެންދިޔައެވެ. އެތަނުގާ ރުއް ކައިރީ މުޑިކާއްޓެއް ވެއްޓިފާއޮތެވެ. ހުސޭނު އެތަނުން މުޑަކާށި ނެގުމަށްފަހު ބަދީއުއަށް ދިއްކޮށްލާފަ އެނބުރުނު އިރު ހަމަ އެދިމާލުގާ އަނެއްކާވެސް މުޑިކާއްޓެއް ފެންނަންއޮތެވެ. ކޮންމެ ފަހަރަކުވެސް ކަންވަމުން ދިޔައީ މިހެންނެވެ.

ހުސޭނު : އަޅޭ ބޭބޭ މިވަރަށް މުޑިކާށި ހޮވަން ލިބެންޏާ ހިތްފުރޭވަރަށް ވާނެ ކާށި ހޮވަން. ފަސް ގޯނި ހަމަކުރަން ވާން

ބަދީއު : ޔަގީން

ހުސޭނު : ގެނޭ ގެނޭ ގިނައިން ގެނޭ

ހުސޭނު ކާށި ނަގަމުންގޮސް ފަހަތަށް ދިއްކޮށް އޭނާގެ ބޭބެޔަށް ދެމުންދަނިކޮށް އެންމެ ފަހަށް ބޭބެގެ ހަބަރެއް ނުވާތީ ފަހަތް ބަލާލިޔެވެ. އެއިރުގާ ބަދީއު ހުރީ ބޮކެއް ފުންމާހެން ހުރިތަނުގާ ހުރެ ފުންމަ ފުންމައެވެ. މި މަންޒަރު ފެނިފާ ބަދީއު ކާށި ހޮވިތަނަށް އެނބުރި ބަލާލިޔެވެ. އެއިރުގާ އެތާ ރުކުގެ ބަދަލުގާ ހުރީ ނިކަގަހެކެވެ. ގަންނާ ކުރެއްވި ބިރުން ހުސޭނު އޭނާގެ ބޭބެ ކޮނޑަށް ލައިގެން ދުވެފާގޮސް ބޮއްކުރަޔަށް އެރުވުމަށްފަހު އަވަހަށް އެރަށުން ފުރާގެން ރަށަށްއައެވެ. އެއިރުގާ ބަދީއު އޮތީ ތުރުތުރުއަޅައަޅާއެވެ. ބަދީއު ބޮއްކުރައިން ނަގާ ރަށުގެ ފަސްގަނޑުގާ ފައި ޖެއްސިތަނުން މީހާ ހޭނެތިގެން ވެއްޓުނެވެ. އެޔާއެކު ހުސޭނު އޭނާ ބޭބެ ބިންމަތިން ނަގާގެން ގެޔަށް ގެންގޮސް އަށިމަތީ ބޭއްވުމަށްފަހު ބައްޕަޔަށް ގޮވިޔެވެ. އަދި ކަންވީ ހުރިހާ ގޮތެއް ކިޔާދިނެވެ. ބައްޕަ ދުވެފާގޮސް އެރަށުގެ އެންމެ މޮޅު ފަންޑިތަވެރިޔާ ކާސިމްބެ ގޮވާގެން އައިސް ބަދީއުއަށް ފަރުވާކުރަން ފެށިޔެވެ. އެހިނދު އޭނާ ބިރުވެރި އަޑަކުން އަރަބިބަސްފަދަ ބަހަކުން ވާހަަކަ ދައްކަމުންދިޔައެވެ. މިކަންތައް ގަނޑުގާ ހަތަރުދަމު އުޅުމަށްފަހު އެންމެ ފަހަށް ބަދީއުގެ ކޮނޑުގާ ތަވީދެއްއަޅާ ކަންކުރަންވީގޮތް އޭނާގެ ބައްޕަޔަށް ކިޔާދިނެވެ. އެގޮތުން ބަދީއު ހޭއެރުމުން އޭނާ ހަފްތާއެއް ވަންދެން ކޮޓަރީގާ ބެހެއްޓުމަށް އެނގިޔެވެ. އެއްގޮތަކަށްވެސް ބޭރަށް ނުކުތަ ނިދުމަށް އަމުރުކުރިޔެވެ. ކުޑަކަމުވެސް އަދި ބޮޑުކަމުދާންވެސް އެއްޗެއް ބެހެއްޓުމަށް އަމުރުކުރުމަށްފަހު ކާސިމްބެ ގެޔަށްދިޔައެެވެ. ހަފްތާއެއް ފަހުން ކާސިމްބެ އައިސް ބަދީއު ގޮވާގެން ރަށުގެ ގޮނޑުދޮށަށްދިޔައެވެ. އަދި މޫދަށް އެރުވާ ތިންފަހަރު ގަންބާލުމަށްފަހު އަތިރިޔަށް އަރުވާ ތަވީދު ކަނޑާ އެއްލާލިޔެވެ. މިހާރު ބަދީއު އެހުރީ ރަނގަޅުވެފާކަމަށް ކާސިމްބެ ބުންޏެވެ.

ދުވަސްތައް ފާއިތުވެގެން ގޮސް ބަދީއުއާ ހުސޭނު އަނެއްކާވެސް އެއްކަލަ ފަޅުރަށަށް ގޮސްލަން ނިންމިޔެވެ. ނަމަވެސް އޭގެ ކުރިޔަށް ނިންމީ މަސްހިފަން ރޭގަނޑު ވަގުތުގާ ދާށެވެ. ރަށުގެ ފުއްޓަރު ފަރާތަށް މައްރިބަށް ގޮވުމުން ދެބެންވެސް މިސްރާބްޖެހިޔެވެ. އެއިރުގާ ދިޔަވަރު އޮތީ އެއްކޮށްހެން ހިކިފަ ކަހަލަ ގޮތަކަށްށެވެ. ފުއްޓަރާ ހަމަޔަށް ދެވުނުއިރު އަނދިރިވެއްޖެއެވެ. ދެބެން އެރެން ދިމާކުރިވަގުތު ހުސޭނުއަށް ފަރުހަކި ވަސްގަނޑެއް ދުވަންފެށިޔެވެ. އެހިސާބުން މިއީ ގޯހެއްކަން އެނގި ބަދީއު މޭމަތީ އަތްޖައްސާލާ ހުއްޓުވާލިޔެވެ. އިރުކޮޅަކުން ދެބެންނަށް ފެނިގެންދިޔައީ ފުއްޓަރު ރާށުނަގާ ހިސާބުން ކަޅު ލޮނދި އެތިގަނޑެއް އަރާގެން ރަށުގެ ކަނޑޫފާއާ ދިމާލަށް ދާތަނެވެ. އެސޮރުގެ ގައިގާ ރެދަން ކޮންމެވެސް ވަރަކަށް ދިއްލިފާ ހުއްޓެވެ. މަޑު ހިނގުމެއްގާދާ އެ މަހްލޫގު ބަލަން ދެބެން ގުޑާވެސްލާން ނުކެރިފާ ތިއްބެވެ. މަހްލޫގު ގޮސް ކަނޑޫފާތެރެޔަށް ވަދެ ގެއްލުމާއެކު ދެބެން ދުވަމުން ގެޔާދިމާލަށްއައެވެ. ދެބެން އައި އިރުގާ ރަށުތެރެވަނީ ކޮންމެވެސް ވަރަކަށް ހަލަބޮލިވެފައެވެ. ފަޅުރަށަށް ދިޔަ މީހަކު އައިސްގެން އުޅޭތީއެެވެ. ހުސޭނުއާ ބަދީއު އެއީ ކާކުތޯ ބެލިއިރުގާ އެއީ އެމީހުންގެ އެކުވެރި އަހަންމާކަލޯއެވެ. އަހަންމާކަލޯގެ އަތްވަނީ ވަރަށް ބޮޑަށް ޒަހަމްވެސް ވެފައެވެ. ބޮޑެތި ނިޔަފަތިތަކަކުން ވަކިދަމާފާވާ ނިޝާން އޭނާ އަތުގާ ފެންނަން ހުއްޓެވެ. ހުސޭނު ގޮސް އަހަންމާކަލޯ ކައިރީ ވެގެން އުޅޭގޮތް ކިޔާދިމުަށް އެދުނެވެ.

އަހަންމާކަލޯ : ކޮޔާ ކަމަކު ދާކަށްނެތް. ކާފިޔޭ ކާފިޔޭ.... އަހަރެންނާއެކު ދިޔަ މުހަންމާ ކައިފިޔޭ. ދަރުކޮށަން ތިއްބާ އަނދިރިވެއްޖެ. ދަރު ހިފާން ފުރަން ނުކުތްއިރު މޫދުގާވަނީ ރެދަންލާފަ. އިރުކޮޅަކުން އިވުނީ އަންހެނަކު ބާރަށް ހޭއަޑު އެއަށްފަހު ނުކުމެގެން އެ އައީ ބިރުވެރި ސިފަޔެއްގާހުރި އެއްފައި ފަލަ އަންހެނެއް. މޫދުން އެ އެރީ ހަމަ ސީދާ ކަނޑު ފުރޭތައެވެ. އެ އައި ގޮތައް އަހަރުމެންނާ ހަމަވިތަނުން އަހަރުމެން ދުއްވާގަތީ ނަމަވެސް މުހަންމާ އެސޮރުމެން އަތުވި އަހަރެން އޭނާ ސަލާމަތްކުރަން އުޅެނިކޮށް އަހަރެން އަތުގާ އަންހެންމީހާ ވަކިދަމާގަތީ އެހެންވެ އަހަރެންނަށް ފިލަން މަޖުބޫރުވީ.

ހުސޭނު : (ބަދީއުއަށް ބަލާލާފަ) ބޭބޭ. ފުރޯ ހިފައިން އާދޭ

ބަދީއު : (ރަށުމީހުންނާ މުޙާތަބުކޮށްފާ) އެމީހަކު އަތުޖެހުނު އެއްޗެއް ހިފައިން ފަޅުރަށަށް ދާން އާދޭ

ރައްޔިތުންނާއެކު ދެބެންވެސް ބޮއްކުރާތަކުގާ ފަޅުރަކަށް ދިޔައެވެ. އަހަންމާ ކަލޯ ގޮވާގެން ރައްޔިތުން އޭނާ ހާދިސާ ދިމާވި ދިމާލަށް ދިޔައެވެ. އެއިރުގާ އެތަނުގާ ކައިފާ ހޮޑަށް ލާފަވާ މިނިކަށިތައް ފެންނަން ހުއްޓެވެ. އެއީ މުހަންމާގެ މިނިކަށިތައްކަން އެންމެންނަށްވެސް އެނގުނެވެ. އެހިސާބުން އެންމެންވެސް އެރަށަށް ނޭރުމަށް ނިންމިޔެވެ. އަނބުރާ ރަށަށްގޮސް ކަނޑޫފާތެރެޔާ ރަށުތެރެ ރައްޔިތުން ހާވަމުންދިޔައީ ހުސޭނުއަށް ފެނުނު ކަނޑުފުރޭތަ ހޯދާށެވެ. މިހެން އުޅެނިކޮށް ހުސޭނުއާ ބަދީއު ފަޅުގެޔެއް ކައިރިޔަށް އައިސް މަގޫ ގަސްތަކުތެރެ ހާވަމުންދަނިކޮށް ހުސޭނުއަށް ބަދީއު ފަހަތުގާ އެއްޗެއް ހުރިހެން ހީވެގެން ބުނެލިޔެވެ. އެހިނދު ބަދީއު އެނބުރުތަނުން އެ އެއްޗެއް ބާރުބާރަށް ދެމިގަނެގެން ގޮސް މޫދަށް ފާބާ ގެއްލުނެވެ. އޭތި ދިމަ ވަގުތު ކައިރީ ހުރި ގަސްތައް ވަނީ ކޮޅު ކޮޅަށް ބުރާގެންވެސް ގޮސްފައެވެ.

ރަށު މީހުންގެ ސަލާމަތައް ކިޔެވެލި ކިޔަވާ އެންމެ ވަރުގަދަ މަޝްހޫރުމީހުން ގެނެވުނެވެ. އަދި މަސްދުވަސްވަންދެން ކިޔެވުމަށްފަހު އެމީހުން ދިޔައެވެ. އޭގެފަހުން ދޭތެރެޔަކުން ރަށްމަތިން އަލިގުޅަޔެއް ދަތުރުކޮށްލާތަން އަބަދުވެސް ފެންނާނެއެވެ. އެއީ ރަށަށް މިހާރު އާއްމުކަމެއް ކަމުން އެކަކުވެސް ބިރެއްނުގަނެއެވެ. ހުސޭނުއާ ބަދީއުވެސް މިހާރުވަނީ ފަޅުރަށަށް ދިޔުން އެއްކޮށް ހުއްޓާލާފައެވެ. އެމީހުންނަށް ދިމާވި ކަންތައްތައް ދިޔައީ ހޮޅުއަށިތައްމަތީ އަބަދުވެސް ކިޔާދެމުންނެވެ.

- ނިމުނީ -

ނޯޓް : މިއީ އިހުޒަމާނުގާ ހިނގާފާވާ ބައެއް ހާދިސާތަކަށް ބިނާކޮށް މައުލޫމާތު އެއްކޮށްގެން ލިޔެފާވާ ހިޔާލީ ވާހަކައެކެވެ.