Back

ތި ހިފަނީ ރޯދައެއްނޫން

2021-03-20 . Written by abdulla nasheed

އެންމެ މާތް މަސްވަރު ކަމުގާވާ رَمَضَان މަހަކީ އެމަހެއްގާ އެތައް ދަރުމައާ ސަވާބެއް އެކުލެވިގެންވާ މަހެކެވެ. މިއީ އަޅުގަނޑުމެންނާ ކޮންމެ އަހަރަކު އެއްފަހަރު ބައްދަލްކުރާ މަހެކެވެ. ނަރަކައިން މުއްތިކުރެވޭ މަހެކެވެ. ލައިލަތުލް ގަދްރިވިލޭރޭ ހިމެނޭ މަހެކެވެ. ނަމަވެސް މި މާތް މަސްވަރުގެ ހެޔޮކަން ގިނަބަޔަކު ފުރިހަމަޔަކަށް ލިބިގަތުމަށް މަސައްކަތްނުކުރާކަމީ ހިތާމަހުރިކަމެކެވެ.

ހަލީމްއަކީ ޒުވާނެކެވެ. މިޔުޒިކްއަށް ލޯބިޖެހިފާވާ ޒުވާނެކެވެ. އެންމެ ފަހުގެ މިޔުޒިކް ސާމާނަކީ އަބަދުވެސް އޭނާ އަތުގާ ހުންނަ އެއްޗިއްސެވެ. އެގޮތުން އޭނާ އެންމެ ގަދަޔަށް ގަނެހަދަނީ ގިޓާއެވެ. އެކި ގޮތްގޮތައް މިޔުޒިކް ހަދާގެން މީސްމީޑިއާއަށްލާގެން އެތައް ބަޔެއްގެ ސަމާލުކަން އަބަދުވެސް އޭނާ ހޯދައެވެ. އޭނާއަކީ ރޭގަނޑުގެ ނިދި ނަގާލަން އާދަވެފާ ހުންނަ މީހެކެވެ. މުޅި ރޭގަނޑު ހޭދަކުރަނީ މިޔުޒިކް ކުޅުމުގައާ އަޑުއެހުމުގައެވެ. ފަތިސް ނަމާދަށް ގޮވުމުން ނުކުމެގެން ގޮސް ހޮޓަލުން ސާބޮއެގެން އިރުއަރާ މަންޒަރު ބަލަން ގޮސްފާ އައިސް ނިދައެވެ.

މާތްވެގެންވާ رَمَضَان މަސްވެސް އައިސް ޖެހިއްޖެއެވެ. ތަންތަނުގާ ސާމާނު ސޭލް އަޅުވާފިޔެވެ. ހަލީމް އަވަސްވެގަތީ އާ ހެޑްފޯން އެއްޗެހި ގަތުމަށްށެވެ. އެންމެ އަގު އަދި ކޮލިޓީ ރަނގަޅު ހެޑްފޯންއެއް ހޯދަން ނުކުތް ހަލީމް ގޮސް ވަތް ފިހާރައެއްގާ ކީރިތި ގުރުއާން ޖަހާފާ ހުރުމުން އެތަނުގާ އޭނާއަށް ގިނައިރު ކެތެއްނުވިޔެވެ. ނަމަވެސް ނުކުންނަން އުޅެނިކޮށް ފިހާރަ ސޭޓު އޭނާ ހިތްޖެހޭ ކަހަލަ ހެޑްފޯންއެއް ދައްކާލުމަށްފަހު އޭގެން ގުރުއާން އަޑުއަހާލަން ވަރަށް ރީތިވާނޭ ބުނެލިޔެވެ. ނަމަވެސް ހަލީމް އެ ގަތުމަށްފަހު އޭނާ އެގަތީ އެހެން ކަމަކުކަމަށްބުނެ މޫނުހަދާފަ ނުކުތެވެ.

رَمَضَان މަހުގެ ދުވަސްތަކުގާ މީހުންތައް މިސްކިތްތަކަށްގޮސް އަޅުކަންކޮށް ސަވާބު ހޯދުމަށް ބުރަވެގަނެގެންއުޅުނެވެ. ނަމަވެސް ހަލީމް އާދަކާދަ ބަދަލެއްނުވެއެވެ. ހަމަ ކުރިޔެކޭ އެއްފަދައެވެ. މީސްމިޑިޔާގަ އިތުރަށް ސަމާލުކަން ހޯދުމަށް މަސައްކަތް ބުރަކޮށްލިޔެވެ. ހަނދުނު ނިދާ މީހާ ތެދުވަނީ އަސުރަށް ގޮވުމުންނެވެ. ތެދުވެ ފަށަނީ ގިޓާ ކުޅޭށެވެ. އެހެންނޫނީ ލަވަ އަޑުއަހާ މީސްމީޑިޔާ ހާވާށެވެ. މިކަންތަކާ ކަންބޮޑުވެ ހަލީމްގެ ބައްޕަ އެއްދުވަހު އޭނާ ހޭލުމުން ސިޓިންގްރޫމްއަށް ގެނައެވެ.

ބައްޕަ : ދަރިފުޅާ ބައްޕަ އެބޮތް ވާހަކައެއް ދައްކާލަން

ހަލީމް : އަނެއްކާ ކޮން ވާހަކައެއް؟

ބައްޕަ : ދަރިފުޅު ކުޑައިރުއްސުރެ ބައްޕަމެން މި އަންނަނީ ބޭނުން އެއްޗެއް ގަނެދެމުން. ދަރިފުޅު އެއްފަހަރުވެސް އެކަން ދެނަހުރިންތަ؟

ހަލީމް :އާނ

ބައްޕަ : އެހެންވިއްޔާ ކަލޭ ކީއްވެ ނަމާދަށް ނުދަނީ؟

ހަލީމް : ދާނަމޭ ބައްޕާ

ބައްޕަ : އަހަރެން ވަރަށް ދުވަހު ކެތްކޮށްފިން. ކޮންމެ ރެޔަކު ކަލޭ ތި ކުޅޭ ކުޅިވަރެއްކުޅެން ދޫކޮށްގެން މިހުންނަނީ އަމިއްލަޔަށް އެންމެ ފަހަރަކުވެސް ނަމާދަށް އަރާތޯ ނަމަވެސް ރޭގަނޑު ހޭލާފަ ދުވާލު ނިދާފަ ތި ތެދުނީ އަމުދުން ރޯދަމަހުވެސް ދެން ކަލެޔަށް ކޮން ރޯދައެއް ހިފިފަ ހުންނާނީ؟

ހަލީމް : ހޫނ ދެން ހެވޭ

ބައްޕަ : ހަބަރުދާރު. މީގެ ފަހުން ކަލޭ ނަމާދަށްނުގޮސް މިޔުޒިކް ކުޅެން އިނދެފިއްޔާ ހަމަ ހުރިހާ އެއްޗެއް ބިންދާލާނަން

ހަލީމް : ބައްޕަވެސް ދެން ހާދަ ކަންތައް ފަލަވެއްޖޭ.

ހަލީމް ބައްޕައާ ޒުވާބުކުރުމަށްފަހު އަނބުރާ އޭ ކޮޓަރިޔަށްދިޔައެވެ. އަދި އަލަށް ގަތް ހެޑްފޯން ކަނޑާލިޔެވެ. އެއާއެކު ހެޑްފޯން ލާފައިން ޕްކެޓްތެރެއިން ކުޑަ އެމްޕީތްރީ ޕްލެޔަރެއް ވެއްޓުނެވެ. އެ ނަގާފަ ހަލީމް ހެޑްފޯން އެޔަށް ޖަހާލާފަ އޭގަ ހުރީ ކޮން އެއްޗެއްތޯ ބަލާލިޔެވެ. ފުރުތަމަވެސް އަންނަންފެށީ ރީތި ކިޔެވުމަކާގެން މުލްކް ސޫރަތެވެ. ނަމަވެސް އެ ސޫރަތް އަޑުނާހަން ހަލީމް އަވަހަށް އެ ނިވާލުމަށްފަހު އެމްޕީތްރީ ޕްލެޔަރު ކޮޓަރީގެ ކަނަކަށް ހޫރުވާލިޔެވެ. އެޔަށްފަހު އޭނާގެ ފޯނަށް ހެޑްފޯން ޖަހާގެން އޮށޯތުމާއެކު ނިދުނެވެ.

ނިދިފާ އޮތް ހަލީމްއަށް ހުވަފެނެއް ފެންނަންފެށިޔެވެ. އޭނާ ހުރީ ހުސް ބިމެއްގައެވެ. ވަރަށް ދުރުން މީހުންތައް ރީތިކަމުން ފުރިގެންވާ ބަގީޗާތަކަށް ވަންނަތަން ފެނުނެވެ. ހަލީމް އެދިމާލަށް ހިނގާގަންނަ ކޮންމެ ފަހަރަކު ބިންގަނޑު ގުޑާގަނެޔެވެ. ވަރަށްވެސް ބިރުންހުރެ ކުރިޔަށް ޖެހެމުންގޮސް ރީތިކަމުން ފުރިގެންވާ ބަގީޗާއާ ވަރަށް ކައިރިވިތަނުން ބިންގަނޑު ފަޅާފަ އަލިފާންގަނޑެއްއެރިޔެވެ. އަދި ވަރުގަދަ ބިރުވެރި އަޑަކުން މަހްލޫގްއަކު ހަޅޭލަވާ އަޑުއިވުނެވެ. އޭގެ ފަހުން މީހުންތައް ރޮއް ހޭރޭއަޑު އިވުނެވެ. އެޔަށްފަހު ފެނިގެން ދިޔައީ ހަލީމްގެ މިޔުޒިކް ސާފާނުގާ ހުޅު ހިފާގެން އައިސް ހަލީމް ގައިގާ ޖެހޭތަނެވެ. ޖެހޭ ކޮންމެ ތަނެއް ވިރިގެންދެޔެވެ. އަޅާވޭން އެހާވެސް ބޮޑެވެ. އަދި އަޑަކުން ބުނާ އަޑުއިވުނެވެ " ހަމަކަށަވަރުން ކާފިރުންނަށްހުރީ ނަރަކަޔެވެ "

ހަލީމްއަށް ކުއްލިޔަކަށް ހޭލެވުނެވެ. އެއިރުގާ އަދި ހުރީ ގަޑިން ފަސްގަޑި ފަނަރަވެފައެވެ. އަވަސް އަވަހަށް ފެންވަރާލުމަށްފަހު ތުރުތުރު އަޅާ ހާލު މިސްކިތައްގޮސްވަނެވެ. އަދި އަސުރުކޮށްލުމަށްފަހު އެތަނުގާ މަޑުކޮށްގެން އިންދާ ހަލީމްއަށް ހެޑްފޯން ވިއްކި ސޭޓާ ދިމާވިޔެވެ.

ސޭޓް : (ހަލީމްއާ ސަލާމްކޮށްލާފަ) އައްސަލާމް އަލައިކުމް. ކޮބާ ހެޑްފޯން ރަނގަޅުތޯ

ހަލީމް : (ލަދުން އިސްޖަހާލާފަ) އަޅުގަނޑަށް މައާފްކުރައްވާ

ސޭޓް : ކޮން ކަމަކާތޯ މައާފްކުރަންވީ؟

ހަލީމް : ސޭޓްއާ ދިމާލަށް މޫނުހަދާލާފަ ވާހަކަދެއްކުނީތީ

ސޭޓް : (ހަލީމްގެ މޫނުގާވާ ހާސްކަންފެނިފަ) ކަމެއް ގޯސްވީތަ؟

ހަލީމް : މާ ބޮޑަށްވެސް

ސޭޓް : މިއީ ﷲ ގެ ގެކޮޅެއް މިތަނުގާ ދައްކާ ވާހަކައަކީ އަހަރެން ސިއްރެއްގޮތުގާ އަމާނާތްކުރާނެ އެއްޗެއް ކިޔާދެވިދާނެތަ ވެގެންއުޅޭގޮތް؟

ހަލީމް : އަހަރެންނަކީ އަބަދުވެސް މިޔުޒިކަށް ލޯބިކުރާ މީހެއް މި ރޯދަމަހުވެސް އަހަރެންނަށް އުޅެމުން އާދެވުނީ ހިތުހުރިގޮތަކަށް މިހެން އުޅެނިކޮށް ބައްޕަޔާ އަހަރެން ޒުވާބުކުރަންޖެހުން އެވެސް ނަމާދުނުކޮށްގެން. ދެން އަހަރެން ކޮޓަރިޔަށްގޮސް ސޭޓް ވިއްކި ހެޑްފޯން ކަނޑާލިތަނުން އޭގެން ވެއްޓުނު އެމްޕީތްރީ ޕްލެޔަރަކަށް އެޖަހާލާފަ ޖައްސާލިތަނުން ގުރުއާން އަންނަންފެށީމަ އެ ނިވާލާފަ ކޮޓަރީ ކަނަކަށް ހޫރުވާލާފަ މިޔުޒިކް އަޑިއަހަން ޖައްސާލިތަނުން ނިދުނީ އެހިސާބުން ފެނުނީ ބިރުވެރި ހުވަފެނެއް މީސްތަކުން ސުވަރުގެ ވަންނަނިކޮށް އަހަރެން އެތަނާ ގާތްވިތަނުން ބޮޑު އަލިފާންގަނޑެއްއެރީ އެޔަށްފަހު ބިރުވެރި އަޑަކުން މަހްލޫގަކު ހަޅޭލަވާއަޑު އިވުން އެއަށްފަހު މީހުން ރޯއަޑުން ދެން އިވުނީ ހަމަކަށަވަރުން ކާފިރުންނަށްހުރީ ނަރަކަކަން

ސޭޓް : ކޮއްކޯ ބުނަން ވާހަކައެއް. މަޝްހޫރު އަލީ ރަމީޒްވެސް ބުނެފާވޭ މިޔުޒިކް ކުޅުމަށް ދީނުގާ ކިރިޔާވެސް ހުއްދަކުރާނަމަ މިޔުޒިކް ދޫނުކުރީމުހޭ. އެއީ ވަރަށް ފުން ބަސްކޮޅެއް އޭގެންވެސް އެ އެނގެނީ މިޔުޒިކްއަކީ ހަރާމްއެއްޗެއްކަން އަދި ބޮޑު ގެއްލުމެއްކަން. ވީމާ ކޮއްކޮ ކުރަންވީ ކަމަކީ މިޔުޒިކްއާ އަދި އެހެނިހެން ހަރާން ކަންތައްތަކާ ދުރުހެލިވާންވީ ތިމާޔަށް އަމިއްލަޔަށް ތިމާ އިސްލާހްކުރެވޭނީ މީހަކު ބުނެކިޔާންނެއްނުވާނެ. މިއީ މާތްވެގެންވާ رَمَضَان މަސް އެތައް ބަޔަކު ނަރަކައިން މުއްތިކުރައްވާ އެތައް ދަރުމަޔާ ސަވާބެއް އެކުލެވިގެންވާ މަސް މި މަސް ހެޔޮގޮތުގާ ފުރިހަމަޔަށް ބޭނުންކޮށްފިނަމަ ދުނިޔެއާ އާހިރަތުގެ ކާމިޔާބު ހޯދަން ފަސޭހަވެސްވާނެ.

ސޭޓަށް ޝުކުރު އަދާކުރުމަށްފަހު ހަލީމް ގެޔަށްދިޔައެވެ. ގޮސް ބައްޕަ ކައިރިން މައާފްއަށް އެދުނެވެ. އަދި ހުރިހާ މިޔުޒިކް ސާމާނެއް ހަލާކުކޮށް ކޮޓަރިތެރެ ތާހިރުކުރުމަށްފަހު ކޮޓަރީގެ ކަނަށް އެއްލާލީ އެމްޕީތްރީ ޕްލެޔަރް ނަގާގެން އައިސް އިށީނުމަށްފަހު ފޯންގަ ހުރި ހުރިހާ މިޔުޒިކްއެއް ފުހެލުޔެވެ. އެޔަށްފަހު ގުރުއާން އަޑުއަހަންފެށިޔެވެ. އެއަށްފަހު ބަރާބަރަށް ނަމާދަށް ދާންފެށިޔެވެ. ދަންވަރު ތެދުވެ ދަމުނަމާދަށް އިސްކަންދިނެވެ. ފަތިސްކޮށްގެން ނިދާ މީހާ އެންމެ ލަސްވެގެން އެގާރަގަޑި ބާގަ ތެދުވެ ބަރާބަރު ގަޑިޔަށް ނަމާދަށްދާންފެށިޔެވެ. މިއަދު ހަލީމް އެ ގަދައަޅާ މަސައްކަތްކުރަނީ ފުރިހަމަ ރޯދައެއް ހިފާ ދުނިޔެއާ އާހިރަތުގެ ބާއްޖަވެރިކަން ހޯދާށެވެ.

- ނިމުނީ -