Back

ކަށްވަޅުގެ ތަޖުރިބާ

2021-03-20 . Written by abdulla nasheed

ކަށްވަޅަކީ އަޅުގަނޑުމެންގެ މިދުނިޔޭގެ ފަހު މަރުހަލާއެވެ. އަޅުގަނޑުމެންގެ ފުރާނަނެތް ހަށިގަނޑު ކަށްވަޅަށްލާ ފަސްއެޅި އެންމެންގެ ލޯމަތިން ގެއްލޭނެއެވެ. އެއަށްފަހު އަހަރުތަކަކަށްފަހު އަޅުގަނޑުމެންމަތިން ހަނދާންވެސް ނެތޭނެއެވެ.

އަޒީޒްއަކީ ވަރަށްވެސް ޖާނުން ވަރުގަދަ ފައިސާހުރި ޒުވާނެކެވެ. ސައުދީއަށް ނިސްބަތްވާ މި ޒުވާނާގެ ހަތަރު ތެޔޮވަޅުހުރެއެވެ. އޭނާ ބޭނުންވާ ހުރިހާ އެއްޗެއް އޭނާ ހޯދައެވެ. އޭނާގެ ރަހްމަތްތެރިންނަކީވެސް އޭނާފަދަ ފައިސާވެރިންނެވެ. އެކުގާ ގިނަ ތަންތަނަށް ދަތުރުކޮށްހަދައެވެ. އިސްރާފް އެހާބޮޑެވެ. އަޒީޒްމެންގެ ދިރިއުޅުމަކީ ދުނިޔެވީ އުފަލަށްޓަކާ ހުސްކޮށްލަމުންދާ ދިރިއުޅުމެކެވެ.

އެއްދުވަހެއްގާ އަޒީޒްގެ ރަހްމަތްތެރިޔަކު އައިސް އަޒީޒްމެން ކާރި އޭނާއާއެކު އޭނާގެ ގްރެޖުއޭޝަންއަށް ދިޔުމަށް އެދުނެވެ. އެއާއެކު އެންމެން އުފަލުން ނަށަންފެށިޔެވެ. އަދި އަވަސް އަވަހަށް ތައްޔާރުވެލާން އެމީހުން އެކުގާ އަޒީޒްގެ ބޮޑު އެސްޔޫވީއަށް އަރާގެން ދަތުރުފެށިޔެވެ. ގްރެޖުއޭޝަންއަށް ގަޑިޔަށްގޮސް ރަހްމަތްތެރިޔާ ސެޓްފިކެޓް ލިބި ނުކުތުމުން އެންމެން އެއްކޮށް ދިގު ދަތުރެއްދާން ނިންމިޔެވެ. މި ދަތުރަށް ބޭނުންވާ ސާމާނުގަނެ ސަހަރާ ތެރޭވާ ދިގުމަގުތަކުން ދުއްވަންފެށިޔެވެ. އިރުއޮއްސުމުން ޓެންޓްޖަހާ ސަކަރާތްޖަހަންފެށިޔެވެ. މިހެން ތިއްބާ ޖަމަލުތެކެއް ގޮވާގެން ދިޔަ މީހަކު ފެނިފާ އަޒީޒް އެމީހާ ގެެނެއެވެ.

އަޒީޒް : ބޭބޭ މިތަނުން ޖަމަލެއް އަހަރެންނަށް ވިއްކަންވީނު

މީހާ : ކިހާވަރަކަށް ތި ކިޔަނީ

އަޒީޒް : ދިހަ ހާސް ރިޔާލް

މީހާ : މާތް ﷲ ގަންދީބުނަން އަހަރެންނަށް ތި ފައިސާއަށްވުރެ އަހަރެންގެ ޖަމަލްތައް މުހިންމު

އަޒީޒް : އެޔޯ؟

މީހާ : މިއީ މީހެއްގެ އަމާނާތެއް. އެޔަކަށް އަހަރެން ހިޔާނާތެއްނުވާނަން

އަޒީޒް : ވިއްކުމަކީ ހިޔާނާތްވުމެއްނޫން. ފައިސާ ގެންދިޔާމާ އަމާނާތް އަދާކުރެވުނީ

މީހާ : ނޫން. ފައިސާއަކީ ހުރިހާ އެއްޗެއްނޫން. މާދަން ކަށްވަޅަށްދާއިރު އެޔެއް ނުގެންދެވޭނެ. އެކަމު އަމަލްތައް ގެންދެވޭނެ. މާދަން އެކަނި ކަށްވަޅުގާ އޮންނައިރު އަމަލްތަކުންނުނީ އެއްވެސް ލުޔެއް ނުލިބޭނެ

އަޒީޒް : ހޫނ ދެން ހެވޭ. ކަލޭ ނުވިއްކަންޏާ މިތަނުން ދާންއުޅޭ

ޖެހިގެންއާ ދުވަހު އަޒީޒްމެން ސަހަރާތެރެއިން އަނެއްކާވެސް ދަތުރުފެށިޔެވެ. މާ ބޮޑަށް ހޫނުގަދަ ދުވަހަކަށްވުމުން އެންމެ އަވަހަށް ޖެހުނު ތަނަކަށް މަޑުކުރިޔެވެ. އެއީ ކުޑަކުޑަ އަވަށެކެވެ. އެ އަވަށުގާވަނީ ގުރުއާންގެ އަޑު ގުގުމާލާފައެވެ. އެ އަވަށު މީހުންތައް އަޒީޒްމެން ފެނުމުން އައިސް މެހެމާންދާރީ އަދާކުރިޔެވެ. އަޒީޒްމެން އެ އަވަށުތެރެ ބަލާލުމަށް ފާމަގުގާ ހިނގަންފެށިޔެވެ. ކޮންމެ ގެޔެއްގެ ދޮރުވަނީ ހުޅުވާފައެވެ. ކޮންމެ ގެޔެއްގާ ދިޔައީ ގުރުއާން ކިޔަވާ ފިލާވަޅުތައް ނަގާދެމުންނެވެ. އަޒީޒްމެން ތަންކޮޅަކަށް ދިޔަތަނުން ބަޔަކު އެއްވެ ތިބިތަން ފެނިގެން އެދިމާލަށްގޮސް ވެގެން އުޅޭގޮތް ބަލާލިޔެވެ. އެތަނުގާވަނީ ކަށްވަޅެއް ކޮނެފައެވެ. މަންޒަރު ބަލަންތިބި އަޒީޒްމެންނަށް އެ ކަށްވަޅަށް ޒުވާނަކު ފޭބިތަންފެނުނެވެ. އެޒުވާނާހުރީ ގާގަ ހުދުފޮތި އޮޅާންނެވެ. އެޒުވާނާ ކަށްވަޅުގާ އޮތް ސަންދޯކުގާ އޮށޯތުމުން ސަންދޯކު މަތި ޖަހާލެވުނެވެ. އަދި ކޮންމެސް ވަރަކަށް ވެލިއަޅާ ބޯ ފިލައަކުން ކަށްވަޅު ނިވާކުރިޔެވެ. ދިހަ މިނެޓްފަހު ކަށްވަޅު މަތިނަގާ އެޒުވާނާ ސަންދޯކުންނެގިޔެވެ. އެޒުވާނާހުރީ ބިރުން ތުތުރުއަޅައަޅާއެވެ. ބާރަކަށް ރޯންފެށިޔެވެ. މަންޒަރުބަލަން ތިބި ގިނަ މީހުންނަށް ރޮވުނެވެ.

ޒުވާނާ : އޭ ލޮބުވެތި އަހުންނޭ. ހާދަ އަނދިރިޔޭ ހާދަ އެކަނިވެރިޔޭ. އެންމެ ފަސްމިނެޓްވެސް ހީވަނީ އެތައް ގަޑިއިރެއްހެން. ހެޔޮނުވާނެ ގިނަ ގިނައިން ތައުބާވެ ހެޔޮމަގުގާ ހިފަހައްޓާ.

މަންޒަރު ބަލަން ތިބި އަޒީޒްމެންނަށް އެކަން މާކަށްބޮޑު ކަމަކަށްނުވެއެވެ. އަދި އޭނާގެ ރައްޓެހިން އަޒީޒްއާ ދިމާލަށް އެ ކަށްވަޅަށް އެރޭކަށް ނުކެރޭނޭ ކިޔާ ދިމާކުރަންފެށިޔެވެ. އަޒީޒް އޭނާއަށް ކެރޭނަކަމަށްބުނެ ރައްޓެހިން ކުރިމަތީ އަގު ނުވެއްޓޭން ގޮސް ކަށްވަޅަށް އެރެން ބޭނުންވާ ވާހަކަބުނިޔެވެ. އެހިސާބުން އަވަށު މީހުން އަޒީޒް ގާގާ ހުދުފޮތި އޮޅާދިނެވެ. އަޒީޒް ކަށްވަޅާދިމާލަށް ހިނގަންފެށިޔެވެ. ގާތްވި ވަރަކަށް އޭނާ ހިތަށް ދިޔައީ ބިރުވެރިކަން ވަންނަމުންނެވެ. ލޯމައްޗަށް ފެންނަމުންދިޔައީ އޭނާގެ ދިރިއުޅުމެވެ. މިހާތަނަށް އޭނާ ކޮށްފާވާ ނުބާ އަމަލްތަކެވެ. ކަށްވަޅާ ހަމަޔަށް ދެވުމުން ދެފާ ކުޑަކޮށް ތުރުތުރު އަޅަންފެށިޔެވެ. ދެތިންފަހަރަކު ކަށްވަޅަށް ފާ ތިރިކޮށްފާ ނެގިޔެވެ. ރައްޓެހިންނާ ދިމާލަށް ބަލާލާފަ ހީގަނެފަ ކަށްވަޅަށް ފާބާ ސަންދޯކުގާ އަތްކާއްތާލުމަށްފަހު އެޔަށް އެރުނެވެ. އަޒީޒްގެ މުޅިގާ ދިޔައީ ތުރުތުރުއަޅަމުންނެވެ. ސަންދޯކުމަތި ފުރުތަމަ ޖަހާލިފަހަރު ތެޅިގަނެ އެ ނެގުވިޔެވެ. ދެވަނަފަހަރުވެސް ހަމަ އެހެންނެވެ. ތިންވަނަ ފަހަރު މަޑުން އޮވެވޭތޯބެލިޔެވެ. ސަންދޯކް މަތި ޖެހިއްޖެއެވެ. ސަންދޯކަށް ވެލި ފާބާއަޑު އިވިއްޖެއެވެ. މިހާރު އަޒީޒްގެ ހިތަށް ވަރަށް ބޮޑަށް ބިރުވެރިކަން ވަންނަންފެއްޓިޔެވެ. މިހާރު އޭނާއަށް އެކަނިވެރިކަން ވަރަށް ބޮޑަށް އިހްސާސްވެ ރޮވެންފެށިޔެވެ. ހަމަ ހިލާ އެކަކުވެސް އޭނާ ގާތަކު ނެތްކަން އޭނާއަށް މިއަދު އެނގެންފެށިޔެވެ. ކަށްވަޅަށް ދާންޖެހޭނީ އެކަނިކަމާ އެއީ އަނދިރިވެގެންވާ އެއްވެސް އަލިކަމެއް ނެތް ތަނެއްކަން އޭނާއަށް އެނގުނެވެ. ވަގުތުތައް ގުނަމުންގޮސް ވަރަށްވެސް ދިގުވިޔެވެ. އެންމެ ފަހަށް ބާރަށް ރޮވެން ފައްޓާފިޔެވެ. އިރުކޮޅަކުން މީހަކު ސަންދޯކު މަތި ހުޅުވާލުމާއެކު އަޒީޒް ފުންމާން ތެދުވެ އެމީހާ ގާގަ ބައްދާގަނެ ބާރު ބާރަށް ރޯންފެށިޔެވެ. އަޒީޒް މައިތިރިވުމުން އެތަނުގާހުރި ދުވަސްވީ މީހަކު އޭނާއާ ސުވާލުކުރަން ފެއްޓިޔެވެ.

މީހާ : އޭ ޒުވާނާ. ކަލެޔަށް އެތާ އިހުސާސްވީ ކޮން ކަންތައްތަކެއް؟

އަޒީޒް : އެކަނިވެރިކަމާ އަނދިރި އަދި ނާމާންކަން

މީހާ : ކަލޭގެ ދުނިޔޭގަ ހޯދި އަގުބޮޑެތި މުދަލާ ފައިސާ ގެންދެވުންތަ؟

އަޒީޒް : ނޫން

މީހާ : ކަލޭ އަލިކަމެއް ބޭނުންވިތަ؟

އަޒީޒް : ވަރަށް ބޮޑަށް

މީހާ : ކަލެޔަށް ވިސްނުނީ ކޮންއެއްޗެއް؟

އަޒީޒް : ދުނިޔެއަކީ ވަގުތީ ތަނެއްކަން އަދި އަހަރުމެން ދާންއޮތީ ކަށްވަޅަށްކަން

މީހާ : ކަލޭގެ ރަހްމަތްތެރިންނަށް ދޭންއޮތީ ކޮން ނަސޭހަތެއް؟

އަޒީޒް : (ރައްޓެހިންނާ ދިމާލަށް ފެންކަޅިވެފާ ބަލާލާފަ) ހެޔޮނުވާނެ އިސްލާހްވޭ. ހެޔޮމަގަށް ރުޖޫއަވޭ. މާދަމާވެސް މަރާ ބައްދަލްކުރަން ޖެހިދާނެ

އަޒީޒްމެން އަވަށް ދޫކޮށް ދިޔައީ ވަރުގަދަ އަޒުމަކާއެކުއެވެ. ލިބިފާވާ މުއްސަނދިކަން ހެޔޮގޮތުގާ ބޭނުންކުރާށެވެ. ކުރެވުނު ހެޔޮ އަމަލެއްކޮށްގެންވެސް އެމީހުން ބޭނުންވީ އެމީހުންގެ ކަށްވަޅުތައް އަލިކޮށް ސުވަރުގެ ލިބިގަތުމަށްށެވެ.

- ނިމުނީ -