Back

ގޯސް ވިސްނުމެއް

2021-03-21 . Written by abdulla nasheed

އުމުރުގާ ލިބިފައިވާ މަދު ދުވަސްކޮޅު ހެޔޮގޮތުގާ ބޭނުންކުރަމުން އަންނަނީ ވަރަށްވެސް މަދު ބަޔެކެވެ. ގިނަ މީހުންނަކީ މުސްކުޅިވެ ގައިބާރު ދޫވާން ކައިރިވުމުން ހެޔޮ އަމަލްތަކަށް އަވަސްވެ ގަންނަ މީހުންނެވެ. އެމީހުންގެ ޒުވާން ދުވަސްވަރު ހޭދަކުރަމުން އަންނަނީ ބޭކާރު ގޮތުގާކަން އެމީހުންނަށް އޮންނަނީ ނުވިސްނިފައެވެ.

މިގްދާދްއަކީ ޒުވާނެކެވެ. ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއް އަދާކުރަމުން އަންނަ މިގްދާދްގެ ހުސްވަގުތުތައް ހޭދަކުރަމުންދަނީ ކޮފީތަކުގަޔާ ގޭމްކުޅުމުގައެވެ. ނަމާދަށް ބަންގިގޮވާއަޑު އިވުނަސްވެސް މިގްދާދް އެކައްޗެކޭވެސް ހިތަކަށް ނާރައެވެ. އޭނާގެ ތާވަލް ރޭވިފައި އޮންނަނީ ވާޒީފާއިން އައުމަށްފަހު މަޢްރިބް ނަމާދަށް ގޮވުމުން ދުވަންދިޔުމެވެ. އެއަށްފަހު މޫދަށްގޮސް އަށެއް ޖަހާއިރު އައިސް ފެންވަރައިގެން ބޭރަށްދިޔުމެވެ. އެދާމީހާ ދެން އަންނާނީ މެންދަމު އެކެއް ޖެހުމުންނެވެ. ބައެއް ދުވަސްދުވަހު ނުވެސް ނިދާ އޮފީހަށްދެއެވެ. މިގްދާދްގެ ނިދުމަށް ހާއްސަ ދުވަހަކީ ހުކުރުދުވަހެވެ. ބުރާސްފަތި ދުވަހުގެ ރޭ ގެއިން ބޭރަށްދާ މީހާ އަންނާނީ ހެނދުނު ހައެއް ޖެހުމުންނެވެ. އަންނަގޮތަށް ނިދާމީހާ ހޭލަނީ މެންދުރު ތިނެއް ޖެހުމުންނެވެ.

އެހެން ދުވަސްދުވަހެކޭވެސް އެއްގޮތަށް މިގްދާދް މިއަދުވެސް އޮފީހަށްދާން ތެދުވިޔެވެ. އަވަސްކޮށްލައިގެން ގަޑިޔަށް އޮފީހަށްގޮސް މަސައްކަތްތައް ނިންމާލުމަށްފަހު އޮފީސް ގްރޫޕާއެކު ކޮފީއަށްދިޔައެވެ. މި ގްރޫޕްގާ ހިމެނެނީ މިގްދާދްއާ އަމީޝް އަދި ހުޒާމްއެވެ. އަމީޝްއަކީ ކިތަންމެ ބުރަކޮށް އުޅުނަސް ދީނީ ކަންތައް ތަކަށް ފަރުވާ ބަހައްޓާ ކުއްޖެކެވެ. ހުޒާމްއަކީ އޮފީސް މެނޭޖަރުގެ ސެކްރެޓެރީއެވެ. ތިން މީހުން ގޮސް މޭޒުދޮށުގާ ޖައްސާލުމާއެކު މިގްދާދް ފަށާގަތެވެ.

މިގްދާދް : މަގޭ މޭޒުގަ މިއަދު އެބައޮތް ސިޓީއެއް ބާއްވާފަ. އެއީ އަނެއްކާ ކޮންކަހަލަ އެއްޗެއް

ހުޒާމް : (ހިނިއައިސްފަ) އެއީ ކަލޭ ކަނޑާލާ ވާހަކަ ލިޔެފައޮތް ސިޓީއެއް

މިގްދާދް : ކީއްވެ؟

ހުޒާމް : އެއީ ދޮގެއް. މިއަދު ކޮފީދޭންޖެހޭނެ މަ އެއީ ކޮންއެއްޗެއްކަން ބުނެފިއްޔާ

މިގްދާދް : އަވަހަށް ބުނޭ

ހުޒާމް : އެއީ ކަލޭ މުސާރަ ބޮޑުވިކަމުގެ ސިޓީ

މިގްދާދް : އެހެން. ކަލޭމެން ބޭނުން އެއްޗެއް ކާންވީ މިއަދު

އަމީޝް : މަރުހަބާ. މިހާރު ކިހާވަރެއް އެހެންވިއްޔާ ޖުމްލަ ލިބޭނީ

ހުޒާމް : ވިހި ހާސް

އަމީޝް : ވަރަށް އުފާވެއްޖެ

ހުޒާމް : އަމީޝް ކޮން އިރަކުން ހައްޖަށް ދިޔުން އޮތީ

އަމީޝް : އަދި ވަރަށް އަތްމަތި ދަތި. ނަމަވެސް ލާރި ދެއްކުނު ވަރަކަށް ދައްކަމުން މިދަނީ ދަރިފުޅާ އަންހެނުންނަށްވެސް ހަރަދު ކަނޑާފައެއްނު ކަމެއްވާނީ

ހުޒާމް : ކިހާވަރެއްތަ އަމީޝްއަށް ލިބެނީ؟

އަމީޝް : އަދި ފަނަރަ ހާސް. އޭގެން ގޭ ކުލިވެސްދައްކަންޖެހޭނު

މިގްދާދް : އަދި ކުރިޔަށް އޮތްތާ ބޮޑުވާނެ

އަމީޝް : މިގްދާދް މިހާރު މުސާރަ ބޮޑުވީމަ ވަރަށް ބޮޑު އެއްޗެއް ރައްކާކުރެވޭނެދޯ

މިގްދާދް : އާނ. މަ ބޭނުންވާ ތަންތަނަށް މަށަށް ދެވޭނެ

އަމީޝް : ހައްޖަށްދާންދޯ ތިޔަ އުޅެނީ އެހެންވިއްޔާ؟

މިގްދާދް : (ބޯ ކަހާލާފަ) ނޫނޭ އަދި އެއީ ފަހުގެ ކަމެއް. އުމުރުގަ ތަން އެބޮތްވިއްޔަ އެހެންނޫނަސް މަ ވިސްނަނީ އުމުރުން ފަންސާސް ފަހެއް ނޫނީ ފަސްދޮޅަސްވީމަ ދާން އޭރުން މަރުވުމުގެ ކުރިން ހުރިހާ ފާފައެއްވެސް ފޮހެވޭނު.

އަމީޝް : އެންމެ ރަނގަޅު ތިޔަހެން ބުނީމަ މަ އެބޮތް ސުވާލެއް ކޮށްލަން؟

މިގްދާދް : ކޮށްބަލަ

އަމީޝް : މިގްދާދްއަށް ކިހާ ގެރެންޓީއެއް އެބައޮތް ފަސްދޮޅަސްވަންދެން ދުނިޔޭގަ ހުންނާނެކަން؟

މިގްދާދް : ސިދާ އެހެން ބުނާކަށް ނޭނގެ އެކަމު ގިނަ މީހުން ތިބޭދޯ

އަމީޝް : އެންމެ ރަނގަޅު. ކަށުނަމާދު ޕޭޖު ބަލާލުމުން ލިބެނީ ކޮން ފިލާވަޅެއް

މިގްދާދް : ނޭނގެ

އަމީޝް : އެދުވަހެއްގާ މަރުވާ ބަޔެއްގެ އުމުރުތައް ހުންނާނެ ލިޔެވިފަ. އޭގެންވެސް ދޭހަވަނީ އެންމެ ގާތުގާވެސް އެންމެ ދުރުގާވެސްވަނީ މަރުކަން. ސަހަރާއަށް ކޮންމެ ދުވަހަކު ޒިޔާރަތްކުރުމުންވެސް އެ ފެންނަނީ އަހަރުމެންގެ ފަހުގެ މަންޒިލް. މޮޅު ގަޑިއެއް ފޯނެއް އިއްޒަތެއްނެތް ހަމަ އެކަނި ފޮތިކޮޅަކާ ފިލާކޮޅަކާ. ކަށްވަޅާ ހަމަޔަށްގޮސް އަހަރުމެންގެ މުދަލާ އާއިލާ އަދި އަނބިދަރިން އަހަރުމެން ދޫކޮށްދާނެ ނަމަވެސް އަހަރުމެންނާއެކު ކަށްވަޅުގާ އަހަރުމެން ކުރި އަމަލްތައް މަޑުކުރާނެ. މިގްދާދް ރުޅި ނާންނާތި ކޮންމެވެސް. އަހަރެންނަށް ފާހަގަ ކުރެވޭ މިގްދާދް ނަމާދު އެއްގޮތަކަށްވެސް ނުކުރާކަން އެކަމު އެއީ އަހަރެންނާ ބެހޭކަމެއްނޫން. އަހަރެން މިދެނީ ނަސޭހަތެއް ރަހްމަތްތެރިޔެއްގެ ހައިސިއްޔަތުން.

މިގްދާދް : މިނީ އަޑުއަހަން ތައްޔާރަށް

އަމީޝް : ނަމާދަކީ އެހާ ގިނައިރު ނަގާ ކަމެއްނޫން. އެއީ ޖަމާއަތުގަ ކޮށްފިއްޔާ ވިހި ނުވަތަ ފަނަރަ މިނެޓްގެ ކަމެއް. އެކަނި ކޮށްފިއްޔާ ފަހެއް ނުވަތަ ދިހައެއް. މިގްދާދް ވިސްނާލަބަލަ ދުވާލަކު މި ޖެހެނީ އެންމެ ފަސްނަމާދު ކޮށްލަން. އެއީ ސައްވީސް ގަޑިއިރުން ބަލައިފިނަމަ އެންމެ އެއްގަޑިއިރުވަރު. ނިކަން ވިސްނާލަބަލަ އިބިލީހުގެ ހުރި ނުބައިކަން އޭނާ ފަނަރަ މިނެޓްގެ ނަމާދުވެސް އަހަރުމެންނަށް އެ ދައްކަނީ ބޮޑު ބުރައެއްގޮތައް. ނަމަވެސް އެކަން ހުއްޓުވޭނެ ގޮތްވެސް އޮންނާނެ. ގިނަ ގިނައިން ﷲ އަށް ދުއާކޮށްގެން އަދި ވަސްވާސް ޖެހޭ ހިނދު އޭނާއަކީ ސުވަރުގެއިން ބޭރުކޮށްލެވުނު ޝައިތާނާކަން ހަނދާންކުރަންވީ އަދި އަހަރުމެންނަށް ތައުބާގެ އެތައް ފުރުސަތެއް އޮތްއިރު އޭނާއަށް އެފުރުސަތެއްނެތްކަން ހިތައް ގެނުވަންވީ އަދި އޭނާއަކަށް ސުވަރުގެޔަށް ނުވަދެވޭނެކަން އަހަރުމެންނަށް ވަދެވޭނެކަން ހިތުގާ ބަހައްޓަންވީ. އެހެންވީމާ މިގްދާދް ފުރުތަމަ ކުރަންވީ ކަމަކީ ތިޔަ ގޯސް ވިސްނުން ދޫކޮށްލާ އަދި ތައުބާވެ ނަމާދުކުރަން ފަށާ. އެއަށްފަހު ފުރުތަމަ ގޮސްލާ ޑިސެންބަރު އުމްރާއަށް އެއީ މައްކާގެ އެންމެ ލުއި ދުވަސްކޮޅު ގެފުޅާވެސް ވަރަށް ކައިރިން ތޮވާފްކުރަން ފުރުސަތު ލިބޭނެ. ގޮސް އެތަން ރަނގަޅަށް ދަސްކުރާތި. އެއަށްފަހު އައިސް އިހުސާސްތައް އަހަރެންނަށް ހިއްސާކޮށްލާތި

މިގްދާދް : އަހަރެން ތިޔަކަމާ ވަރަށް ވިސްނާނަން ޝުކުރިއްޔާ ތިޔަދިން ނަސޭހަތަށް

ހުޒާމް : އޭތް އަހަރެންނަށް ނޭވާލާން އެބަ އުނދަގުވޭ. މެޔަށްވެސް ވަރަށް ތަދު އެބަވޭ

ހުޒާމްގެ އެބަސްކޮޅު ވެގެންދިޔައީ އޭނާގެ އެންމެ ފަހު ބަސްކޮޅަށްށެވެ. ކުއްލިޔަކަށް އިށީންދެގެން އިންގޮނޑިން ހުޒާމް ވެއްޓިއްޖެއެވެ. ކެފޭގަ ތިބި މީހުންގެ އެހީއާއެކު ހުޒާމް ނަގައިގަނެގެން ހޮސްޕިޓަލަށް ގެންދެވުނެވެ. ހޮސްޕިޓަލުން ދިން ޙަބަރުން މިގްދާދްގެ ހިތައް ބިރުވެރިކަން ވަންނަންފެށިއެވެ. މިއަދު ތިން މީހުން ކޮފީގަ ތިއްބާ މަރު އައިސް ބައްދަލްކުރީ ހުޒާމްއާއެވެ. ހުޒާމްގެ އުމުރަކީ 33 އަހަރެވެ.

ހުޒާމްގެ ކުއްލި މަރުގެ ސަބަބުން މިގްދާދްގެ ހިތަށް ވަރަށްވެސް އަސަރުކުރިއެވެ. އަދި ދިރިއުޅުމަށް ބޮޑު ބަދަލެއް ގެންނަންޖެހޭކަން އެނގުނެވެ. ހުޒާމްގެ މޫނު ބަލަން ދިޔަ ވަގުތު މިގްދާދްއަށް ސިފަވެގެންދިޔައީ އޭނާ އެތަނުގާ ބޭއްވޭނެ ދުވަހެވެ. ކަށުނަމާދުގާ ބައިވެރިވުމަށްފަހު ސަންދޯކްގާ ހިފައިގެންގޮސް ކަށްވަޅަށް ސަންދޯކް ލެވުނުހިނދު ފެންކަޅުވެ ރޮވެންފެށިއެވެ. އެއީ އޭނާއަށްވެސް އަންނަންއޮތް ދުވަހެއްކަން އޭނާއަށް އެނގޭތީއެވެ. މީހުންތައް ހުޒާމްގެ މަހާނަ ދޫކޮށްދިޔުމުން އެންމެ ފަހު މީހެއްގެ ގޮތުގާ އެތަނުގާ މަޑުކުރުމަށްފަހު ދިޔައީ މިގްދާދްއެވެ. މިގްދާދް ގެޔަށްގޮސް އެންމެ ފުރުތަމަވެސް ގުޅީ އަމީޝްއަށްށެވެ. އަދި އަމީޝްގެ ފަރާތުން އެތައް އެހީއަކާއެކު މިގްދާދް ދީނީ ކަންތައްތައް އުނގެނުނެވެ. ނަމާދަށް ވަގުތައް ދާންފެށިއެވެ. ބޭކާރު ޙަރަދު މަދުކޮށް ސަދަގާތް ގިނަކުރިޔެވެ. އެއަށްފަހު ތިން އަހަރުތެރޭ ފައިސާ އެއްކުރުމަށްފަހު ހައްޖުގެ މަތިވެރި މާތް އަޅުކަމަށްދިޔައެވެ. ދިޔައީ ހަމައެކަނި މިގްދާދްއެއްނޫނެވެ. އަމީޝްއާ އޭނާގެ އާއިލާވެސް ގޮވައިގެންނެވެ.

- ނިމުނީ -